
މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ދިފާޢީ ވަޒީރު މިހެން ވިދާޅުވީ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ދެނެގަނެ ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، އެގޮތުން ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ ޤައުމީ އިސްތިރާޖީ ޕްލޭން 2024 – 2030 އަންނަ މަހު ތަސްދީގު ކުރުމަށް ހަމަޖެހިފައިވާކަމުގައި ވިދާޅުވިއެވެ.
މިކަމުން ދޭހަކޮށްދެނީ ކެރިފޯރުންތެރިކަން އިތުރުކުރުމަށާ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޖުތަމަޢުއަށް ކުރާ އަސަރު ކުޑަކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްކަމުގައި ދިފާޢީ ވަޒިރު ވިދާޅުވިއެވެ.
އ.ދ. އިން ފަށާފައިވާ އާރލީ ވޯނިންގ ފޮރ އިނިޝިއޭޓިވްގައި ބައިވެރިވާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭތީ ފަޚްރުވެރިވެ ވަޑައިގަންނަވާކަމުގައެވެ. އަދި މި ކެމްޕެއިންގެ މަޤްސަދުތައް ހާސިލްކުރުމަށް ޤައުމީ ރޯޑްމެޕެއް އެކުލަވާލާ ފާސްކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ނިމިދިޔަ ސަރުކާރުތަކުން ރަށްރަށުގެ މުޖުތަމަޢުތަކުގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވީ ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި ހޭނުމަށް އެކަށީގެންވާ ފައިސާ ހޯދުމަކީ އަދިވެސް އޮތް ގޮންޖެހުމެއް ކަމުގައި ދިފާޢީ ވަޒީރު ފާހަގަކުރެއްވިއެވެ.
ދިފާޢީ ވަޒީރު ވަނީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ ވަގުތުން ކުރިމަތިވާ އަދި ބޮޑެތި ނުރައްކާތަކެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކެރިފޯރުންތެރިކަމާއި ދެމެހެއްޓެނި ތަރައްޤީ ހާސިލްކުރުމުގައި އެއްވެސް ޤައުމެއް ކުޑަޔަސް ބޮޑަސް ފަހަތަށް ނުޖެހި ކުރިއަށްދިއުމަށްޓަކައި ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތްކޮށް އެކަކު އަނެކަކަށް އެހީތެރިވުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ވެސް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.