
ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް"ގެ ހަވާސާގައި، ބައެއް ޤައުމުތަކުގެ ދިފާޢީ އިސް ވެރިންނާ، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ބައްދަލުކުރައްވައިފިއެވެ.
މިގޮތުން، ދިފާޢީ ވަޒީރު ވަކިވަކިން ބައްދަލުކުރެއްވި ބޭފުޅުންނަކީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ޑިފެންސް، ރިޗަރޑް މާރލްސްއާއި، މެލޭޝިއާގެ މިނިސްޓަރ އޮފް ޑިފެންސް، ޑާޓޯ ޝްރީ މުޙައްމަދު ޚާލިދު ބިން ނޫރައްދީނާއި، ސިންގަޕޫރުގެ ސީނިއަރ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، ޒާގީ ބިން މުޙައްމަދާއި އަދި ޖަރުމަނުވިލާތުގެ ފެޑެރަލް ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރ، ޓޯބިއަސް ލިންޑްނަރއެވެ.
"ޝަންގްރިލާ ޑައިލޮގް" އަކީ އޭޝިއާ ސަރަޙައްދުގައި ބާއްވާ އެންމެ މުހިންމު ދިފާޢީ ދާއިރާގެ ސަމިޓެވެ. މި ސަމިޓުގައި، ޤައުމުތަކަށް ދިފާޢީ ދާއިރާއިން ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމުގެ އިތުރުން، ޤައުމުތަކާއި ކަމާގުޅުން ހުރި އެހެނިހެން ފަރާތްތަކުން މިކަންކަމަށް ޙައްލު ހޯދުމުގެ ގޮތުންވެސް މި ސަމިޓްގެ ތެރެއިން މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.
ދިފާޢީ ވަޒީރު ވަނީ "ޝަންގްރިލާ ޑައިލޮގް"ގެ "ޑިފެންސް ކޯޕަރޭޝަން އެންޑް ސްމޯލް ސްޓޭޓް ސެކިއުރިޓީ" ސެޝަން ގައި ވާހަކަފުޅުވެސް ދައްކަވާފައެވެ.