ވުޒާރާގެ ތާރީޚާއި ކުރިން ވުޒާރާ ހިންގެވި ބޭފުޅުން
ތާރީޚީގޮތުން ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާ
ދިވެހިރާއްޖެއަކީ މިނިވަންކަމުގައި ހަތަރު ހާސް އަހަރުވީ ޤައުމެކެވެ. ދިވެހި ދައުލަތަކީ ޢީސާއީ ސަނަތުން 2500 އަހަރު ކުރިއްސުރެ އަމިއްލަ ވެރިކަމެއް ކުރަމުން އައި ޒަމާންވީ ދައުލަތެކެވެ. ދައުލަތަކީ ބެލެހެއްޓުންތެރިކަމުގެ ނިޒާމަށް ކިޔޭ ނަމެކެވެ. ދިވެހި ދައުލަތް އުފެދުނީއްސުރެ މި ދައުލަތުގެ ދެ އަސާސްކަމުގައިވާ ދިވެހިރައްޔިތުންނާއި ދިވެހިރާއްޖެ ބަލަހައްޓާނެ ބަޔަކު ތިބޭނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އެ ބައެއްގެ ކަންތައްތައް ބަލަހައްޓާނެ ގޮތެއް ނެތިއެއް ނުދާނެއެވެ. މިގޮތުން ބަލާއިރު ދިވެހިރައްޔިތުންނާއި ދިވެހިރާއްޖެ ބަލަހައްޓަމުން ގެންގޮސްފައިވަނީ އެކި ދުވަސްވަރު އެކި ނަން ކިޔާފައިވިޔަސް މިއަދުގެ ސިފައިންނެވެ. ނުވަތަ ދިވެހިރާއްޖޭގެ ފަޚުރުވެރި އަސްކަރިއްޔާއިންނެވެ. ސިފައިންނާއި އަސްކަރިއްޔާގެ ކަންތައްތައް ބަލަހައްޓަމުން އައިސްފައިވަނީ އެކި ޒަމާނުގައި އެކި ނަންނަން ކިޔެމުންއައި މިއަދުގެ ދިފާޢީ ވުޒާރާއިންނެވެ.
ދިވެހިރާއްޖޭގައި ވެރިކަންކުރާ ނިޒާމެއްގެ ގޮތުގައި ރަސްކަން އޮތް ޒަމާނުގައި ވެސް ދިވެހި ދައުލަތް ހިންގަމުން އައީ ވަރަށް ހަރުދަނާ އުސޫލުތަކަކާއި ތަރުތީބުތަކެއްގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ދިފާޢީ ކަންތައްތަކުގެ އެންމެ އިސް ވެރިއަކަށް އަބަދުވެސް ހުންނަވަނީ އެއިރެއްގައި ހުންނަވާ ދައުލަތުގެ އެންމެ އިސްވެރިޔެކެވެ. އެ ބޭފުޅެއްގެ އިރުޝާދާއި ލަފާފުޅާ އެއްގޮތަށް ދިވެހި ލަޝްކަރުގެ ކަންތައްތައް ބަލަހައްޓަވަން އިސް ބޭފުޅެއް ހުންނަވައެވެ. ވަޒީރުންގެ ގޮތުގައި އިހުގައި ރަސްކަމުގެ ކަންތައް ހިންގަވަން ތިއްބެވި ފަސް ވަޒީރުން ނުވަތަ ފަންސަފުރަދާނައިން ތިއްބެވި ޒަމާނުގައި އެއީ ދޮށިމޭނާކިލެގެފާނެވެ. ނުވަތަ ދޮށިމޭނާ ވަޒީރެވެ. އެ ޒަމާނަކީ ދައުލަތާއި ސަރުކާރު ހިންގެވުމުގައި އިސްކޮށް ތިއްބަވާ ވަޒީރުންނަށް ޚާއްޞަ ވުޒާރާއެއް، މަހުކަމާއެއް ނުވަތަ އޮފީހެއް ހުންނަ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން، އޭރަކު ކީރިތި މަހާރަދުންނާއި ދިވެހި އަސްކަރިއްޔާއާ ގުޅުވައިދޭނެ އިތުރު އޮފީހެއް ނުހުރެއެވެ.
ދިވެހިރާއްޖޭގައި 1932 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 22 ވަނަ ދުވަހު އަލަށް ހިންގަވަން ފެއްޓެވި ޤާނޫނު އަސާސީ އާއެކު ވަޒީރުންގެ މަޖިލިސް އުފެއްދެވިއެވެ. އެއީ ހިޖުރީ ސަނަތުން 17 ޝަޢުބާން 1351 ގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވާލެއްވި ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވީ ދިވެހިރާއްޖޭގައި ފުރަތަމަ އެކުލަވާލެއްވި ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ ތެރެއިންނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލިހުގައި ވަޒީރުލްއަޢުޡަމްގެ މަޤާމާއި ވަޒީރުލް ޢަސްކަރިއްޔާގެ މަޤާމަށް އިސްކުރެއްވީ އަލްއަމީރު މުޙައްމަދު ފަރީދު ދީދީއެވެ.
ރާއްޖޭގައި ދުސްތޫރީ ޙުކޫމަތެއް އިޢުލާންކުރެވުމާއެކު ވުޒާރާތަކާއި ވަޒީރުންގެ މަޤާމުގެ ނަންތައް ޢަރަބި ނަންތަކަކަށް ބަދަލުވެގެން ދިޔައެވެ. މިގޮތުން ފުރަތަމަ އޮތީ "ވުޒާރަތުލް ޢަސްކަރިއްޔާ" އެވެ. އެއަށްފަހު "މަޙުކަމަތުލް ޢަސްކަރިއްޔާ" އެވެ. އެއަށްފަހު "މަޙުކަމަތުލް އަމަންޢާންމު" އެވެ. ދިވެހިރާއްޖޭގައި 1968 ނޮވެންބަރު 11 ވަނަ ދުވަހު އުފެއްދެވި ދެވަނަ ޖުމްހޫރިއްޔާއާއެކު ސަރުކާރުގެ ވުޒާރާތަކާއި ވަޒީރުންގެ މަޤާމުގެ ނަންތައް އިނގިރޭސި ނަންތަކަކަށް ބަދަލުކުރެއްވިއިރު ދިފާޢީ ވުޒާރާގެ ނަން ބަދަލުކުރެއްވީ "މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ" އަށެވެ. އޭގެފަހުން 1982 ނޮވެންބަރު 11 ވަނަ ދުވަހު "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ" އަށް ދިފާޢީ ވުޒާރާގެ ނަން ބަދަލުކުރެއްވިއެވެ. އަދި 2018 ނޮވެންބަރު 17 ވަނަ ދުވަހު "މިނިސްޓްރީ އޮފް ޑިފެންސް" ގެ ނަމަށް ބަދަލުކުރެއްވިއެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ ނަމާއެކު ދިވެހިބަހުން ރަސްމީކޮށް ކިޔާނެ ނަމެއްގެ ގޮތުގައި "ދިފާޢީ ވުޒާރާ" ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކުގައި 2023 ނޮވެންބަރު 17 ވަނަ ދުވަހުއެވެ.
ދިފާޢީ ވުޒާރާގެ ދައުރާއި ފާހަގަކުރެވޭ ޚާއްޞަ ބައެއް ކަންކަން
ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން 1932 ވަނަ އަހަރު ދިވެހިރާއްޖޭގެ އަސްކަރީ ކަންތައްތައް ބެލެހެއްޓެވުމަށް އުފެއްދެވި ޢަސްކަރިއްޔާ" އަކީ އަމަން ބެލެހެއްޓުމުގެ މަސައްކަތާގުޅޭ އެންމެހާ ކަންތައްތައް ބަލަހައްޓާ މަޙްކަމާއެވެ. ވުޒާރަތުލް ޢަސްކަރިއްޔާގެ މަޙުކަމާ ނުވަތަ މަޙްކަމަތުލް ޢަސްކަރިއްޔާ ނުވަތަ މަޙްކަމަތުލް އަމަންޢާންމު ނުވަތަ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ ނުވަތަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ނުވަތަ މިނިސްޓްރީ އޮފް ޑިފެންސް ނުވަތަ ދިފާޢީ ވުޒާރާ މިއިން ކޮންމެ ނަމެއްގައި ދިފާޢީ ވުޒާރާ ހިނގަމުންއައި ކަމުގައިވިޔަސް ވުޒާރާގެ
މައިގަނޑު މަސްއޫލިއްޔަތެއްގެ ގޮތުގައި އޮތީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ދިވެހި ދައުލަތުގެ ދިފާޢީ ކަންތައްތަކާގުޅޭ މަސައްކަތްތަކެވެ.
އެންމެ ފުރަތަމަ މަޙުކަމާ އުފެދިގެން ދިޔައިރު މައިގަނޑު މަސްއޫލިއްތެއްގެ ގޮތުގައި އޮތީ ކީރިތި މަހާރަދުންނަށް ޢިއްޒަތް އަރުވައި ދައުލަތުގެ ޢިއްޒަތް ދަމަހައްޓައި، ރަދުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން ސިފައިންނަށް އަންގަންޖެހޭ އެންގުންތައް އެންގުމެވެ. ސިފައިންގެ ވެރިޔާ ނުވަތަ ކީރިތި މަހާރަދުންގެ އެންގެވުމުގެމަތިން ސިފައިންގެ އިސް މަޤާމުތަކަށް ބޭފުޅުން ހަމަޖައްސަވައި އަދި އިސްމަޤާމުތަކުން ބޭފުޅުން ވަކިކުރައްވައި ސިފައިން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމުގެ ކަންތައްތައް ވެސް ކުރިއަށް ގެންދިއުމެވެ. މީގެއިތުރުން ސިފައިންނަށް ދެވޭ ޢިނާޔަތްތަކާއި މަޤާމުގެ ކުރިއެރުމާއި، ސިފައިންގެ ކަންކަމަށް ބަދަލުގެންނަވައި ސިފައިންގެ ތެރޭގައި ބެހިފައިވާ ބައިތަކަށް ވެރިން އިސްކުރަމުން ގެންދިއުމެވެ. ސިފައިން އެކިއެކި ކަންތައްތަކުގައި ސަރުކާރުގެ އޮފީސްތަކަށާއި އިދާރާތަކަށާއި ވުޒާރާތަކަށް ސިޓީ ފޮނުވާނަމަ އެ ސިޓީ ފުރަތަމަ ހުށަހަޅަން ޖެހެނީ އަމަންޢާންމަށެވެ. އަދި ސިފައިންނަށް ޗުއްޓީ ދެއްވުމުގެ ހުރިހާކަމެއް ވެސް ހަމަޖައްސަވަމުން ގެންދަވަނީ އެދުވަސްވަރު އެ މަޙުކަމާ އިންނެވެ.
ރާއްޖެއަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގައި ޚާއްޞަ މަސައްކަތްތައް ކުރުމަށް މަޙްކަމަތުލް އަމަންޢާންމުން ސިފައިންނަށް އަންގަވައެވެ. އަދި އެހެނިހެން މަޙްކަމާތަކުން ސިފައިންގެ އެހީތެރިކަން ބޭނުންވުމުން އެ ކަމަށް އެދެމުންދަނީ ވެސް މަޙްކަމަތުލް އަމަންޢާންމުގައެވެ. މިގޮތުން 1934 ވަނަ އަހަރު އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު (3ވަނަ) ރަސްކަމުން ޢަޛުލު ކުރެވުނު ފައްތަރުމަތީގައި އަމަންޢާންމުން ސިފައިންނަށް މާލޭގެ އަމަން ބެލެހެއްޓުމަށް އެންގެވުމާއި އެ އެންގެވުމުގެމަތިން ސިފައިން އެކަމުގައި ހަރަކާތްތެރިވި ހަރަކާތްތެރިވުން ފާހަގަ ކުރެވެއެވެ. އަދި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މަތިންދާ ބޯޓެއް މާލެމަތިން ދަތުރުކުރާނަމަ ނުވަތަ ބޭރުކަނޑުން ރޭގަނޑު އައްޔެއް ފެނިއްޖެނަމަ ބަރުގޮނު ފުމެ، ރަށުތެރެ އަމާންކުރުމަށް ވުޒާރަތުއް ދާޚިލިއްޔާއިން، މަޙްކަމަތުލް އަމަންޢާންމަށް އެންގެވުމާ ގުޅިގެން، އެކަންތައްތައް އެގޮތަށް ކުރުމަށް އަމަންޢާންމުން ސިފައިންނަށް އަންގަވައިގެން އެކަންތައްތައް ވެސް ސިފައިން ކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެ ހަނގުރާމައިގާ ޙަރަކާތްތެރިވާ މަތިންދާ ބޯޓްތައް ދިވެހިރާއްޖޭގެ ސަރަހައްދު މަތިން އުދުހޭތީ، ދިވެހި ރައްޔިތުންނާއި ޤައުމުގެ ސަލާމަތަށް މަޙްކަމަތުލް އަމަންޢާންމުން ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. މިގޮތުން ރޭގަނޑު ވަގުތެއްގައި މަތިންދާ ބޯޓެއްގެ އަޑު އިވިއްޖެނަމަ، އެއްވެސް އައްޔެއް ގެއިން ބޭރަށް ނުނެރުމަށާއި، ކަނޑުމަތިން ގޮތް ނޭގޭ އެއްޗެއް ފެނިއްޖެނަމަ އެއާއި ގާތް ނުވުމަށާއި، ރާއްޖޭގެ ރަށަކަށް ގޮތްނޭގޭ އެއްޗެއް ލައްވެއްޖެނަމަ، އެއެއްޗެއްގައި އަތްނުލައި މަހުކަމަތުން އަމަން އާންމަށް އެންގެވުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މެސެޖްގެ ޒަރީޢާއިން އަންގަވާފައި ވެއެވެ.
ޒަމާނަށްއައި ބަދަލުތަކާއެކު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަސްއޫލިއްޔަތުތައް ލިޔުމުން ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން، ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ޙިމާޔަތްކުރުމާއި އެފަދަ ކަމެއް މީހަކު ނުވަތަ ބަޔަކު ކުރާނަމަ އެކަމެއް މަނާކޮށް ވަގުތުން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ އާކިޕެލެޖިކަލް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު ދިފާޢުކޮށް، ޙިމާޔަތްކުރުމާއި މިކަންކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި، ދިވެހި ސަރުކާރަށް އެހީތެރިވުން ހިމެނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދާއި އެ ސަރަހައްދުގައިވާ ޤުދުރަތީ ވަސީލަތްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި އެއްވެސް ބަޔަކު ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާކަން ނުވަތަ އެނޫންވެސް، ރާއްޖޭގެ ޤާނޫނާ ޚިލާފުކަމެއް ކުރާކަން އެނގިއްޖެނަމަ، އެކަމެއް ބަލައި އެކަމެއް މަނާކޮށް، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދާއި އަދި ސިޔާސީ ސަރަހައްދުގެ އެއްގަމާއި، ކަނޑާއި ވައިގެ ތެރެއިން، ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި، މަތިންދާ ބޯޓުފަހަރު ދަތުރުކުރުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކަމެއް ބަލައި، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވެސް ހިމެނެއެވެ. އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ނުރައްކަލުން، ރައްޔިތުންނާއި އެމީހުންގެ މުދާ ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރާއްޖެއަށް ދިމާވާ ޤުދްރަތީ އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަދި އެފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެކަން އާންމު ހާލަތަކަށް ގެނައުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުން ވެސް ޑިފެންސް މިނިސްޓްރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް ތަޞްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުމާއި، ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ
ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުމާއި، ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކަށް އަންނަ އަދި ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ ތަކެއްޗާއި، އަންނަ އަދި ފުރާ މީހުންނާއި، ބަނދަރު ހިމެނޭ ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުންނާއި، ވެއްދޭ އަދި ނެރެވޭ ތަކެތި ބެލުމާއި މިފަދަ ކަންކަން ބެލެހެއްޓުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ދިފާޢާއި، ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާއަށް ލަފާދީ، އެހީތެރިވުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް، ރާއްޖޭގެ ސިޔާދަތާއި ޤައުމީ ސަލާމަތަށް އަދި ޤާނޫނީ ވެރިކަމަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢްލޫމާތު އެއްކޮށް ދިރާސާކޮށް، އެކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް ދިފާޢީ ވުޒާރާގެ މަސްއޫލިއްޔަތެކެވެ. އަދި ޤައުމީ މަޞްލަޙަތާއި އަދި އަމަންޢާންމަށް ގެއްލުމެއްވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމާއި ދިފާޢީ ވުޒާރާގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަކީ ވެސް މި ވުޒާރާގެ މަސްއޫލިއްޔަތެކެވެ.
ދިފާޢީ ވުޒާރާގައި ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ދިފާޢީ ވުޒާރާ ހިންގަވާފައިވާ ބޭފުޅުން
1932 – 1940
އަލްއަމީރު މުޙައްމަދު ފަރީދު ދީދީ
ވަޒީރުލްއަސްކަރިއްޔާގެ މަޤާމު އަދާކުރެއްވީ 22 ޑިސެންބަރު 1932 އިން 31 ޖަނަވަރީ 1940 އަށް.
1940 – 1942
އަލްއަމީރު ޙަސަން ފަރީދު ދީދީ
ވަޒީރުލްޢަސްކަރިއްޔާގެ މަޤާމު އަދާކުރެއްވީ 31 ޖަނަވަރީ 1940 އިން 12 ޖަނަވަރީ 1942 އަށް.
1942 – 1953
ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ވަޒީރުލްއަމަންޢާންމުގެ މަޤާމު އަދާކުރެއްވީ 13 ޖަނަވަރީ 1942 އިން 21 އޮގަސްޓް 1953 އަށް.
1954 – 1955
އަލްފާޟިލް ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ
ވަޒީރުލްއަމަންޢާންމުގެ މަޤާމު އަދާކުރެއްވީ 11 މާރިޗު 1954 އިން 27 ނޮވެންބަރު 1955 އަށް.
1955 – 1956
އަލްފާޟިލް އިބްރާހީމް ފާމުލަދޭރިކިލެގެފާނު
ވަޒީރުލްއަމަންޢާންމުގެ މަޤާމު އަދާކުރެއްވީ 27 ނޮވެންބަރު 1955 އިން 29 ޖޫން 1956 އަށް.
1956 – 1968
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު (ނޣޢވ) ރަންނަބަނޑޭރިކިލެގެފާނު
ވަޒީރުލްއަމަންޢާންމުގެ މަޤާމު އަދާކުރެއްވީ 29 ޖޫން 1956 އިން 11 ނޮވެންބަރު 1968 އަށް
1968 – 1978
އަލްފާޟިލް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު
މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ: 11 ނޮވެންބަރު 1968 އިން 11 ނޮވެންބަރު 1978 އަށް
1978 – 1993
އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނޣޢވ)
ރައީސުލްޖުމްހޫރިއްޔާ
މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ: 11 ނޮވެންބަރު 1978 އިން 11 ނޮވެންބަރު 1982 އަށް. އަދި
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ: 11 ނޮވެންބަރު 1982 އިން 22 ފެބުރުވަރީ 1990 އަށް. އަދި
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ: 30 މޭ 1990 އިން 11 ނޮވެންބަރު 1993 އަށް.
މި މަޤާމުތައް އަދާކުރެއްވިއިރު އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހުންނެވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި.
1990
އަލްފާޟިލް އިލްޔާސް އިބްރާހީމް (ނޢޢވ)
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުގައި ހުންނަވައިގެން ދިފާޢީ ވުޒާރާ ހިންގެވީ: 22 ފެބުރުވަރީ 1990 އިން 30 މޭ 1990 އަށް. 1978 ނޮވެންބަރު 11 ވަނަ ދުވަހުން ފެށިގެން ދިފާޢީ ވަޒީރަކީ ރައީސުލްޖުމްހޫރިއްޔާކަމަށްވުމާއެކު ޑިފެންސް މިނިސްޓަރުގެ ނާއިބުގެ ހައިސިއްޔަތުންނާއި ސިފައިންގެ ވެރިޔާގެ ނާއިބުގެ ހައިސިއްޔަތުން ޢަމަލީގޮތުން ޑިފެންސް މިނިސްޓްރީ ހިންގެވުމުގައި 30 މޭ 1990 އާ ހަމައަށް އަލްފާޟިލް އިލްޔާސް އިބްރާހީމުގެ ދައުރު ވަރަށް ބޮޑެވެ.
1993 – 2004
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް (ނޢޢވ)
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުގައި ހުންނަވައިގެން ދިފާޢީ ވުޒާރާ ހިންގެވީ: 11 ނޮވެންބަރު 1993 އިން 01 ސެޕްޓެންބަރު 2004 އަށް. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ވަނީ ޑިފެންސް މިނިސްޓްރީގެ ވަކީލުކަމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ނާއިބުގެ މަޤާމު ވެސް ފުރުއްވާފައެވެ.
2004 – 2008
އަލްފާޟިލް އިސްމާޢީލް ޝަފީޢު (ނޣޢވ)
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ: 01 ސެޕްޓެންބަރު 2004 އިން 11 ނޮވެންބަރު 2008 އަށް.
2010
އަލްފާޟިލް އަމީން ފައިޞަލް
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ: 7 ޖުލައި 2010 އިން 10 ޑިސެންބަރު 2010 އަށް.
2010 – 2011
އަލްއުސްތާޛު މުޙައްމަދު މުޢިއްޒު ޢަދުނާން
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހައިސިއްޔަތުން: 13 ޑިސެންބަރު 2010 އިން 21 ޖޫން 2011 އަށް.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމުން އަލްފާޟިލް އަމީން ފައިޞަލް އިސްތިޢުފާ ދެއްވުމުން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވެންދެން ދިފާޢީ ވުޒާރާގެ އެންމެ އިސްވެރިޔާގެ ގޮތުގައި އެ މިނިސްޓްރީގެ އެންމެހާ ކަންތައްތައް ބެލެހެއްޓެވުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްއުސްތާޛު މުޙައްމަދު މުޢިއްޒު ޢަދުނާނާ ރައީސުލްޖުމްހޫރިއްޔާ 13 ޑިސެންބަރު 2010 ގައި ހަވާލުކުރެއްވިއެވެ. އެ ޒިންމާ އެ މަނިކުފާނު 21 ޖޫން 2011 އާ ހަމައަށް އަދާކުރެއްވިއެވެ.
2011 – 2012
އަލްފާޟިލް ޠަލްޙަތު އިބްރާހީމް ކަލޭފާނު
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ: 21 ޖޫން 2011 އިން 7 ފެބުރުވަރީ 2012 އަށް
2012 – 2015
ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޡިމް
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ: 07 ފެބުރުވަރީ 2012 އިން 17 ނޮވެންބަރު 2013 އަށް އަދި 17 ނޮވެންބަރު 2013 އިން 20 ޖަނަވަރީ 2015 އަށް
2015
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް (ނޢވ)
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ: 20 ޖަނަވަރީ 2015 އިން 13 އޮކްޓޫބަރު 2015 އަށް
2015 – 2018
އަލްފާޟިލް އާދަމް ޝަރީފް
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ: 28 އޮކްޓޫބަރު 2015 އިން 17 ނޮވެންބަރު 2018 އަށް
2018 – 2023
އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ
މިނިސްޓަރ އޮފް ޑިފެންސް: 17 ނޮވެންބަރު 2018 އިން 17 ނޮވެންބަރު 2023 އަށް.
2023 – 2026
އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން
މިނިސްޓަރ އޮފް ޑިފެންސް: 17 ނޮވެންބަރު 2023 އިން 14 އެޕްރީލް 2026 އަށް.


















